"ހަމަ ކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ"

Saturday, July 31, 2010

ރުހުނަސް ނުރުހުނަސް، ބައިބަލް ވަނީ މުޙައްމަދުގެފާނުގެ ނަބީކަމަށް ހެކިސާބިތުކޮށް އެ ނަބީކަން ތަސްދީޤު ކޮށްދީފައެވެ

ޝައްކެއްނެތެވެ! ބައިބަލްވަނީ ބަދަލުކުރެވިފައެވެ. އުނި އިތުރު ކުރެވި، އިލާހީ އިލްހާމާއި، ޢާންމު އިންސާނުންގެ ވާހަކަތަކާއި މައްސުނިވެ ފޮތުގެ އަސްލު ގެއްލިފައެވެ. އެހެނެއްކަމަކު ދަންނަވަންތޯއެވެ؟ މިއަދުވެސް އެފޮތަކަށް ނަޞާރާއިން އީމާންވާކަމަށް ބުނާ ބައިބަލް ވަނީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމަށް ހެކިބަސް ދީފައެވެ. ނަޞާރާއިން ކިތަންމެ ނުރުހުނުކަމުގައިވިޔަސް ބައިބަލް ވަނީ މުޙައްމަދުގެފާނުގެ ނަބީކަން ތަސްދީޤު ކޮށްދީފައެވެ. ބައިބަލްގެ އެއްފޮތް ކަމުގައިވާ ޑިއުޓޯނަމީ 18: 15 -22 އަށް ބައްލަވާށެވެ. މިއާޔަތްތަކުން އެނގޭގޮތުގައި، މާތް ރަސްކަލާންގެ މޫސާގެފާނަށް އެކަލޭގެފާނު ފަދަ ނަބިއްޔަކު ބަނީ އިސްރާއީލުގެ އަޚުންގެ ތެރެއިން ފޮނުއްވާނޭކަމުގެ ޚަބަރު ދެއްވިއެވެ.
އާދޭހެވެ! ސަލާމްލެއްވި ޢީސާގެފާނު (މަސީޙް) އުފަންވެ ވަޑައިގަތީ ޢާންމު އިންސާނީ ފިތުރަތާ ޚިލާފަށެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މާތް ރަސްކަލާންގެ ޢަމުރުފުޅަށް ބަފައިކަލަކާއި ނުލައެވެ. އެހެނެއްކަމަކު މޫސާގެފާނު އުފަންވެ ވަޑައިގަތީ ޢާންމު ފިޠުރީ އުސޫލާ މުޅީން އެއްގޮތަށެވެ. ހަމަ މިފަދައިން މުޙައްމަދުގެފާނުވެސް މެއެވެ. މަސީޙް ކައިވެނިފުޅެއް ބައްލަވައި ނުގަންނަވައެވެ. އެހެނެއްކަމަކު، މޫސާގެފާނާއި، މުޙައްމަދުގެފާނާއި، ދެބޭކަލުންވެސް ކައިވެނި ފުޅުބައްލަވައިގެން ބޭފުޅުން ލިބިވަޑައިގަތެވެ. މަސީޙްގެ މައްޗަށް ޝަރުޢީ ޙުކުމްތަކަކާއި ޤާނޫނެއް ބާވައެއް ނުލައްވައެވެ. އެހެނެއްކަމަކު މޫސާގެފާނާއި މުޙައްމަދުގެފާނުގެ މައްޗަށް ޝަރުޢީ ޙުކުމްތަކަކާއި، ޤާނޫނެއް ބާވައިލެއްވުނެވެ. މިއީ މޫސާގެފާނާއި، މަސީޙް ޢީސާ އާއި ހުރި ފާޅުކަންބޮޑު ތަފާތެވެ. ނަބީބޭކަލުންގެ ތާރީޙައް ބަލާއިރު މޫސާގެފާނަށްފަހު މޫސާގެފާނާއި އެއްފަދަ ބޭފުޅަކަށް ނަބީކަމަށް ދަޢުވާ ކޮށްފައިވަނީ މުޙައްމަދުގެފާނެވެ. މޫސާގެފާނަށްފަހު މޫސާގެފާނު ފަދަ ނަބިއްޔަކު ފޮނުއްވާނޭކަމަށް މާތްރަސްކަލާންގެ ޚަބަރުދެއްވީ ބަނީ އިސްރާއީލުގެ އަޚުންގެތެރެއިންނެވެ. ވިދާޅުވެބައްލަވާށެވެ؟ ބަނީ އިސްމާޢީލް ނޫނީ ބަނީ އިސްރާއީލްގެ އަޚުންނަކީ ދެން ކޮންބައެއްތޯއެވެ؟ ޝައްކެއްނެތެވެ! މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ ބަނީ އިސްމާޢީލް ދަރިކޮޅުންނެވެ.
އިސްވެދެންނެވި ފާޅުކަންބޮޑު ތަފާތުތަކުގެ ސަބަބުން ޢީސާގެފާނީ މޫސާގެފާނު ފަދަ ނަބިއްޔެކޭ ބުނެވޭކަށް ނެތެވެ. އާދޭހެވެ! އިސްވެދެންނެވި ފާޅުކަންބޮޑު ތަފާތުގެ ސަބަބުން އިންސާފުވެރި ޢައިރު މުސްލިމް މުޙައްޤިޤުންވެސްވަނީ މޫސާގެފާނާއި ޢީސާގެފާނާއި އެއްފަދަ ނޫންކަމުގައި އިޢުތިރާފްވެވަޑައިގެންފައެވެ. މިގޮތުން
Rev.James L.Dow M.A
ފާހަގަ ކޮށްލަމެވެ. މިނާޔަކީ ބައިބަލްގެ ޑިކްޝަނަރީއެއް ލިޔުއްވި ބޭފުޅެކެވެ. އެފޮތް އިނގިރޭސި ޕަބްލިޝަރެއްކަމުގައިވާ

Harper Collins
ޝާއިއުކޮށްފައިވެއެވެ. އެފޮތުގައި އޭނާ ލިޔުއްވާފައިވަނީ

The only man of history who can be compared even remotely to him is mohomet. (p.403)’’
Dictionary of the bible, by Rev.James L.Dow M.A, Harper Collins publishers, Glasgow, 1992
އަޅުގަނޑުމެން ފަހެ އަދިވެސް ހޭއަރާކަށް ނުވޭހެއްޔެވެ؟ މިފެންނަނީ އިސްލާމްދީނުގެ އެންމެ ބޮޑު ޢަދުއްވުންކަމުގައިވާ ނަޞާރާއިން މިހާރުވެސް ގެންގުޅޭ މުޤައްދަސް ފޮތުން އިސްލާމްދީނުގެ ނަބިއްޔާގެ ނަބީކަމަށް ހެކި ސާބިތުކޮށްދީ، އެ ނަބީކަން ތަސްދީޤުކޮށްދޭ މަންޒަރެވެ. އަދި އެކަމަށް އެއުރެންގެތެރެއިން އިންސާފުވެރި މުޙައްޤިޤުން އެއްބަސްވެލައްވާ މަންޒަރުވެސްމެއެވެ